×
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް 2024

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް 2024




ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން ޚާއްޞަ ހަފްލާއެއް ވަނީ މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގ ގައި ބާއްވާފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސަޢީދުއެވެ. މި ހަފްލާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާޙިމް ޝަރީފް މުޙައްމަދު، ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އަދި ކަސްޓަމްސްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.


މި ހަފްލާގައި 2023 ވަނަ އަހަރުގެ ޝިއާރުގެދަށުން "އަންނަން އޮތް ޖީލު ބިނާކުރުން: ޢިލްމު ފެތުރުމުގެ ސަގާފަތް ކުރިއެރުވުމާއި ކަސްޓަމްސްގެ ފަޚުރު ދެމެހެއްޓުން" ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 17 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން އޮތެވެ. މިސެޓްފިކެޓްތައް ބައްސަވައިދެއްވީ  ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދުއެވެ.


މިޙަފްލާގައި ކަސްޓަމްސްއިން މުހިއްމު ދެ ޚިދުމަތެއް އިފްތިތާޙްކުރެވުނެވެ. އެގޮތުން އިފްތިތާޙްކުރެވުނު ފުރަތަމަ ޚިދުމަތަކީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭ.އީ.އޯ) އެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސަޢީދުގެ އެވެ. އޭ.އީ.އޯ ގެ ޚިދުމަތަކީ މިހާރު ދުނިޔޭގެ 83 ގައުމެއްގައި ޤާއިމްކޮށްފައިވާ ޚިދުމަތެކެވެ. އޭ.އީ.އޯ ޕްރޮގްރާމަކީ ކަސްޓަމްސްތަކުގެ ޤާނޫނާ ގަވާއިދާ އެއްގޮތަށް އަމަލުކުރާ އިމްޕޯޓް އެކްސްޕޯޓްގައި ޤާއިމްވެ އެކަށީގެންވާ މުއްދަތެއް ހޭދަކޮށްފައިވާ، ކަސްޓަމްސްއާއެކު ކުރެވޭ މުއާމަލާތްތަކުގައި ސާފު ރެކޯރޑްތަކެއް ދަމަހައްޓާފައިވާ ފަރާތްތަކަށް ޚާއްސަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއިން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.


މި ހަފްލާގައި އިފްތިތާޙްކުރެވުނު ދެވަނަ ޚިދުމަތަކީ ކަސްޓަމްސްގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރަން ފެށުމުގެ ގޮތުން ތަޢާރަފްކުރެވޭ ފުރަތަމަ ޚިދުމަތެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާޙިމް ޝަރީފް މުޙައްމަދު އެވެ. އޭ.އައި ގެ ޚިދުމަތަކީ އިމްޕޯޓް/އެކްސްޕޯޓް މުދާ ގިންތިކުރުމުގައި އޭ.އައި ބޭނުންކުރަން ފެށުމެވެ. މި ޚިދުމަތުގެ ސަބަބުން މުދަލުގެ ހާމަނައިޒްޑް ސިސްޓަމްސް (އެޗް.އެސް) ކޯޑު އަވަހަށް ދެނެގަނެވި، މުދާ ޑިކްލެއާކުރުމާއި މުދަލުގެ ލިޔެކިއުން ނިންމުމަށް މިހާރު ހޭދަވާ ވަގުތު ދަށްކުރެވިގެންދާނެއެވެ.


 މި ހަފްލާގައި ވަޒީރު؛ މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި އޭ.އައި ބޭނުންކުރަން ފެށުމުގެ ޚިދުމަތަކީ ކަސްޓަމްސްގެ މިއަހަރުގެ ޝިޢާރާއި ގުޅިގެން އެހާރާއި މިހާރުގެ ބައިވެރިންނާ ގުޅުން ބަދަހިކުރަން ނެންގެވި މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ގްލޯބަލް ސަޕްލައި ޗެއިންއަށް އަންނަ ބަދަލުތަކާއި އެއްވަރަށް ކަސްޓަމްސް އިން ވިޔަފާރިއަށް ފަހިކަން ގެނެސްދިނުމަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ވެސް ވަރަށް މުހިއްމު ވާނެ ކަމެއްކަން ފާހަގަކުރައްވާ، ކަސްޓަމްސް އިން ކުރަމުންދާ މަސައްކަތްތައް ޝުކުރު އަދާކުރެއްވިއެވެ.


ހަފްލާގައި ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި އޭ.އައި ބޭނުންކުރަން ފެށުމުގެ ޚިދުމަތަކީ ކަސްޓަމްސްގައި އިން-ހައުސްކޮށް އުފައްދާ ތަރައްޤީކުރެވުނު ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާ ރާއްޖެއަށް އިމްޕޯޓް/އެކްސްޕޯޓްކުރާ މުދާ ކްލިއަރކުރުމުގެ ނިޒާމް ހަރުދަނާކުރުމާއި، ކަސްޓަމްސް ކޮންޓްރޯލްޑް އޭރިޔާތަކުގެ ސަރވައިލަންސް އިތުރަށް ވަރުގަދަކޮށް، ޚިދުމަތްތައް ލުއިފަސޭހަކުރުމާއި ޒަމާނާއެއްގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ޚާއްސަ އިސްކަމެއްދީގެން ކަސްޓަމްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަންދެއްވިއެވެ. 


 

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

29 ޖަނަވަރީ 2024

ޝެއާ