×

މުޢައްސަސާ އާއި ބެހޭ

ސީޖީގެ މެސެޖް

ކޮމިޝަނަރ ޖެނެރަލްގެ މެސެޖް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ކަސްޓަމްސްގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް، ކަސްޓަމްސްގެ ތަންފީޒީ ޤާބިލުކަން އިތުރުކޮށް، އިންފޯމޭޝަން ޓެކްނޮލޮޖީގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފައިގެން، ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ވިޔަފާރިއަށާއި ދަތުރުފަތުރަށް ފަހި، އަދި ޚިދުމަތް ހޯދާ ފަރާތްތަކުން ބޯލަނބަން ފަސޭހަ އުޞޫލުތަކަކަށް ހެދުމަށްޓަކައި އަބަދުމެ މިދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އަޅުގަނޑުމެންގެ އަމާޒަކީ، ހާމަކަންބޮޑު ގޮތެއްގައި ދެފުށްފެންނަ ޚިދުމަތްތަކެއް ފޯރުކޮށްދީގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރުލިބިފައިވާ މުއައްސަސާއަކަށް ހަދައި އެގޮތުގައި ދެމެހެއްޓުމެވެ. 

 

ކުރިއަށް އޮތް ދުވަސްތަކުގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންކުރާނެ މަގުޗާޓެއްގެ ގޮތުގައި ކަސްޓަމްސްގެ ސްޓްރެޓީޖިކް ޕްލޭން (2020-2024) މިހާރު ވަނީ އެކުލަވާލައި އާންމުކުރެވިފައެވެ. މި ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރެވިފައިވާނީ، އިތުރުވަމުންދާ އިގްތިސާދީ ޙަރަކާތްތަކާއި ދަތުރުފަތުރުގެ ސަބަބުން ކުރިމަތިކުރުވާ ގޮންޖެހުންތައް، ލިބިފައިވާ ވަޞީލަތްތައް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެން ޙައްލުކުރެވޭނޭ ގޮތުގެ މައްޗަށެވެ. މިގޮތުން ތަފާތު ފަސް ދާއިރާއެއް ކަނޑައަޅައި، ކޮންމެ ދާއިރާއެއްގައި ހިމެނޭ ލަނޑުދަނޑިތަކާއި ސްޓްރެޓެޖީތައް، އެކަންކަން ޙާޞިލްކުރެވޭނޭ މުއްދަތާއެކު ފާހަގަކުރެވިފައިވާނެއެވެ.   

 

އަޅުގަނޑުގެ އެންމެ މުހިއްމު އެއް މަސައްކަތަކަށް ވާނީ، ކަސްޓަމްސްއަކީ ވިޔަފާރިއަށް އޮތް ހުރަހެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރުމެވެ. ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމާއި ދޮރޯށި ބެލެހެއްޓުން ހަރުދަނާކުރުމާއެކު ވިޔަފާރިތަކަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކުރުމުގެ ވިސްނުން އަށަގަންނުވައި އެފަދަ ސަގާފަތެއް ކަސްޓަމްސް މާހައުލުގައި ގާއިމުކުރުމެވެ. 

 

ކަސްޓަމްސްގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ޙާޞިލްކޮށްގެން އަޅުގަނޑުމެން އަމާޒު މިހިފަނީ އިތުބާރުކުރެވޭ އަދި މި ސަރަހައްދުގައި އިސް ސަފުގައި ގުނާލެވޭ އިދާރާއަކަށް ވުމަށެވެ. މި އުއްމީދީ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލިޒަމް މަތީ ދަރަޖައަކަށް ހުރުމާއެކު އައު އީޖާދުތައް ކުރުމަށާއި ގުޅިގެން ނަތީޖާ ޙާޞިލްކުރުމުގެ ރޫޙު އަޅުގަނޑުމެންގެ މުވައްޒަފުންގެ ކިބައިގާ އަށަގެންނެވުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. 

 

ކަސްޓަމްސްގެ މުވައްޒަފުން މަސައްކަތަށް ދޭ އަހައްމިޔަތަށާއި ބަހައްޓާ ޝައުގުވެރިކަމާއި ފަރުވާތެރިކަމަށްޓަކައި އަޅުގަނޑު ކަސްޓަމްސްގެ މުވައްޒަފުންނަށް ޝުކުރުދަންނަވަމެވެ. އަދި ކަސްޓަމްސްގެ ހައިބަތާއި ގަދަރަށް ކުޑަވެސް އުނިކަން އަތުވެދާނެ އެއްވެސް ޢަމަލެއް އެއްވެސް މިންވަރަކަށް ކަސްޓަމްސްއިން ބަލައިނުގަންނާނެކަން މިފުރުޞަތުގައި މުވައްޒަފުންނަށް ހަނދާންކޮށްދެމެވެ. އަދި ކަސްޓަމްސްގެ ތަޞައްވުރާއި ފުށުނާރާނެހެން މަސައްކަތުގެ އަޚުލާޤު ބެހެއްޓުމަށް އަޅުގަނޑު ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރަމެވެ.