×
"ސްމާޓް ގޭޓް" ޚިދުމަތް އިފްތިތާޙްކުރުން.

"ސްމާޓް ގޭޓް" ޚިދުމަތް އިފްތިތާޙްކުރުން.




"ސްމާޓް ގޭޓް" ގެ ޚިދުމަތް މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްފައިދީފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޕެސެންޖަރ ޓާމިނަލްގައި ބޭއްވުނު ޚާއްސަ ހަފްލާގައި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު، ކަސްޓަމްސްއާއި  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން، އަދި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


     މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާކަމަށް ވިދާޅުވިއެވެ.


     ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް އެއް މަންޒިލުކަމަށްވާއިރު، އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދްމަތް ހޯދާ ދަތުރުވެރިންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންކަމަށްވެފައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެވޭ ޚިދުމަތަކީ ޤާނޫނާ ޤަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ޚިދުމަތަކަށް ވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން މިއަދު މި އިފްތިތާޙް ކުރެވުނު "ސްމާޓް ގޭޓް" ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިއްމު ވަޞީލަތަކަށެވެ.


     މިވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކަރ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުންގެންދެއެވެ. ސްމާގް ގޭޓް ޚިދުމަތާއިއެކު، ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކަރގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރް.އެފް.އައި.ޑީ) ޓެގް" އެވެ. އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯއްދަވަންވާނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނިކުންނެވުމަކީ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޚިލާފްކަމެކެވެ. މިގޮތަށް ނިކުންނަވަން މަސައްކަތްކުރައްވާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެއެވެ. މީގެ އިތުރުން، މިޚިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަކުރެވިގެންދާނެއެވެ.


     ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްމާޓް ގޭޓްގެ ޚިދުމަތް ގާއިމު ކުރުމާއެކު، މިއެއަރޕޯޓުން ޚިދުމަތް ހޯއްދަވާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޚިދުމަތް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

29 ފެބްރުއަރީ 2024

ޝެއާ