×
ކަސްޓަމްސްގެ ފުރަތަމަ އަންހެން ޑެޕިއުޓީ ކޮމިޝަނަރަކަށް ފާތިމަތު ދިޔާނާ އައްޔަންކުރައްވައިފި

ކަސްޓަމްސްގެ ފުރަތަމަ އަންހެން ޑެޕިއުޓީ ކޮމިޝަނަރަކަށް ފާތިމަތު ދިޔާނާ އައްޔަންކުރައްވައިފި




ޤާނޫނު ނަންބަރު: 2011/08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ޅ.ހިންނަވަރު، ސަންދުރަ އަލްފާޟިލާ ފާޠިމަތު ދިޔާނާ 2024 ފެބްރުވަރީ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނުކުރައްވާފައެވެ.


     ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އެވެ. މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެެއް މިމަޤާމަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރެވެ.


މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރެވުނު ފަހަރަށް ވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން، ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ތަފާތުކުރުމެއްނެތި ޝާމިލުކުރުމަށް ތަނަވަސްވެގެން ދިޔަ ފުރުސަތެކެވެ.


ކަސްޓަމްސްގެ ޙިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައިވާ އަލްފާޟިލާ ފާޠިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ. މިވަގުތު އަލްފާޟިލާ ފާޠިމަތު ދިޔާނާގެ އިތުުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި އިތުރު ދެބޭފުޅުން ތިއްބަވައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

18 ފެބްރުއަރީ 2024

ޝެއާ