×
ނ. މާފަރު ކަސްޓަމްސް އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފި

ނ. މާފަރު ކަސްޓަމްސް އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފި




އުތުރުގެ އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ނ. މާފަރުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު އެރަށުގައި ބާއްވައިފިއެވެ.  


ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ނ. މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ހާރޫން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟްއެވެ. މިރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން، ނ. މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރު، ކައުންސިލްގެ މެމްބަރުން، އެރަށުގައި ތިއްބަވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެމް.ޑީ.އެފް)، މޯލްޑިވްސް ޕޮލިސް ސަރވިސް، އައިލެންޑް އޭވިއޭޝަން އަދި ޢިމާރާތުގެ ކޮންޓްރެކްޓަރ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުންނާއި، މާފަރުގައި ހުންނަ ދައުލަތުގެ އިދާރާތަކާއި އޮފީސްތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، މިއަދު ބިންގާ އެޅުނު ޢިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ ޢުމްރާނީ ތަރައްޤީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއްކަމަށާއި، ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް މި އޮފީސް ވެގެންދާނީ މި ރީޖަންގެ މުހިންމު އެއް ބިނާކަން ފާހަގަކުރެއްވިއެވެ. އަދި މި ޢިމާރާތުގެ މަސައްކަތްނިމި ބޭނުންކުރެވެން ފެށުމުން، އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.


6,557 އަކަފޫޓުގެ މި ޢިމާރާތުގައި އޮފީސް އޭރިއާގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްއެއް އެޅުމަށް ހަމަޖެހިފައިވެއެވެ. 8.66 މިލިއަން ރުފިޔާއަށް ޙަވާލުކުރެވުނު މިޕްރޮޖެކްޓް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތްފަށާ ދުވަހުން ފެށިގެން 540 ދުވަހުގެ ތެރޭގައެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

24 އޮގަސްޓް 2023

ޝެއާ