01 ޖުލައި 2024
2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ދަތުރުވެރިން ރާއްޖެއަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާހަށް ވަނީ ޢަމަލުކުރަން ފެށިފައެވެ. މި ގެނެވުނު އިސްލާހުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މަޢާފްކުރުމުގެ އިޚްތިޔާރުގެ ދަށުން، ދަތުރުވެރިންނާ އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އެލަވަންސް 6 ހާސް ރުފިޔާއިން 10 ހާސް ރުފިޔާއަށްވަނީ ބޮޑުކުރެވިފައެވެ. މި އިނާޔަތް ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށާއި އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށެވެ.
މި ބަދަލާއިއެކު ދަތުރުވެރިންނާ އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 10,000 (ދިހަ ހާސް) ރުފިޔާ އަށްވުރެ ކުޑަނަމަ، ޑިއުޓީ ނެގުމަކާނުލާ އެތަކެތި ދޫކުރެވޭނެއެވެ. ނަމަވެސް، ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 10,000 (ދިހަ ހާސް) ރުފިޔާ އަށްވުރެ ބޮޑުނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ ކަނޑައެޅިފައިވާ ގޮތުގެމަތީން ޑިއުޓީ ދައްކަންޖެހޭނެއެވެ. އަދި، އެފަދައިން ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް ޑިއުޓީ ނަގާނީ، ޑިއުޓީދައްކަން ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 10,000 (ދިހަ ހާސް) ރުފިޔާ އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުންނެވެ.
މުދަލުގެ އަގު 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ކުޑަނަމަވެސް، އެތަކެތީގެ ބާވަތާއި ޢަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ނުވަތަ ކޮމާޝަލް ކުއެންޓިޓީކަމަށް ބެލެވޭ ހާލަތުގައި އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިޢާޔަތްކުރުމެއް ނެތި ދޫކުރެވޭނެއެވެ.
ކުރީން ޑިއުޓީގެ އިނާޔަތް ދެމުން ގެންދިޔަ ބައެއް ބާވަތްތަކަށް މި އިސްލާޙާއެކު ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މިގޮތުން 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލެވިފައިވާ ތަކެއްޗަކީ:
މީގެ އިތުރުން، ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދިނުން 2024 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވޭނެއެވެ.
އަދި، ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަމިއލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެއްޗަށްވެސް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެއެވެ.
ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން
ފޯން: 193 3334 960+
އީމެއިލް: [email protected]
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
01 ޖުލައި 2024