×
އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް އިފްތިތާޙްކުރުން.

އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް އިފްތިތާޙްކުރުން.




ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާޞިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ކަސްޓަމްސްގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި ކަސްޓަމްސްގެ މިނިސްޓަރ، ދާޚިލީ ސަލާމަތާ ފަންނިއްޔަތާއިބެހޭ ވުޒާރާގެ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާންއެވެ.


     މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ކަސްޓަމްސްގެ މިނިސްޓަރ، ދާޚިލީ ސަލާމަތާ ފަންނިއްޔަތާއިބެހޭ ވުޒާރާގެ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ވިހާވެސް ލުއިފަސޭހަ، އަވަސް ޚިދުމަތެއް ލިބޭނެ އިންތިޒާމް ކޮންމެ މުޢައްސަސާއެއްގައިވެސް ހަމަޖެއްސުމެވެ. އެގޮތުން، ކަސްޓަމްސްގެ މިއަދުގެ އެންމެ ބޮޑު ކާމިޔާބީއަކީ، މެނުއަލް ނިޒާމެއްގެ ތެރެއިން، ގިނަ ވަގުތުތަކެއް ޚިދުމަތްހޯދާ ފަރާތްތަކުން ހޭދަކޮށްގެން، ދެ ދުވަހުން ފުރިހަމަކުރެވެމުން އައި ޚިދުމަތެއް، ފުލީ އޮޓޮމޭޓްކުރެވި، ދެ ގަޑިއިރުން ދެވޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސައި، ޚިދުމަތްހޯދާ ފަރާތްތަކަށް ބޮޑު ލުއި ފަސޭހައެއް ގެނެސްދެވުމެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިޢު މުޙައްމަދު އަދި މެނޭޖްމަންޓުން ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުދެންނެވިއެވެ. މީގެ އިތުރުން، މިފަދަ ކަންކަން ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރާ އޭޖެންސީތަކުގެ މުހިއްމު ދައުރު ފާހަގަކުރައްވައި، މިއަދު އިފްތިތާހްކުރެވުނު ނިޒާމް ޤާއިމްކުރުމަށްޓަކައި އެމް.އޭ.ސީ.އެލްގެ މެނޭޖްމެންޓުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދެންނެވިއެވެ.


      މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، 14 ހަފްތާގެ މަގުޗާޓުގައި ކަސްޓަމްސް ކޮންޓްރޯލް އަދި ޓްރޭޑް ފެސިލިޓޭޝަން ދާއިރާއިން ކަސްޓަމްސް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި އެކުލަވާލެވުނު ޕްރޮޖެކްޓް ތަކުގެ ތެރެއިން މިއަދު މި އިފްތިތާހު ކުރެވުނު އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް މެކޭނިޒަމް ޚިދުމަތް ދޭން ފެށުމަކީ ކަސްޓަމްސަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަޑިއެއްކަން ފާހަގަކުރެއްވިއެވެ. މިޕްރޮޖެކްޓް އިތުރުން، މިދިޔަ ޖަނަވަރީމަހުގެ 29 ވަނަ ދުވަހު 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ އޭ.އީ.އޯ ޕްރޮގްރާމް އިފްތިތާހްކޮށް، މުދާ ގިންތިކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ނިޒާމް ވަނީ ގާއިމްކުރެވިފައިއެވެ. މި ޕްރޮޖެކްޓް ތަކުގެ އިތުރުންވެސް މުހިންމު ގިނަ ކަންތައްތަކެއް 14 ހަފްތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސް އޮފިސަރުން އަބަދުވެސް ސާބިތުވެ ތިބޭނީ ސަރުކާރުގެ ޕޮލިސީތަކަށް ފުރިހަމައަށް އެއްބަރުލުން ދޭ އަދި ކަސްޓަމްސްގެ މަސައްކަތް އެއްދަވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަތިވެރި އަޒުމުގައި ކަމަށް ވިދާޅުވިއެވެ.


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ޒަމާންވީ މެނުއަލް ޕްރޮސެސްތަކެއް ބޭނުންކޮށްގެން ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ. އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމު ކުރުމާއެކު، ޚިދުމަތްތައް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ މިއާއެކު ޕްރޮސެސްތައް ޓްރާންސްޕޭރަންޓްވެ، ހަމަހަމަގޮތެއްގައި ރެންޑަމްކޮށް އޮފިސަރުންގެ މެދުގައި ޑިކްލަރޭޝަން ފޯމުތައް ކަނޑައެޅި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއް ހަމައަކުން ޚިދުމަތް ލިބޭކަން ކަށަވަރު ކުރެވިގެންދާނެއެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: [email protected]

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

08 ފެބްރުއަރީ 2024

ޝެއާ